ސިނަމާލެ ބުރިޖުގެ ހައިވޭގެ ޗާލުކަން ގެއްލިގެން މިދަނީ ކޮންބަޔަކަށް މަންފާއެއް ހޯދުމަށްބާ؟
ގިނަ ރައްޔިތުންްގެ ކަންބޮޑުވުން އެކުލެވޭ ސުވާލެއް.
މާލެސިޓީގެ ސިނަމާލެ ބުރިޖަކީ އެބުރިޖުން ދަތުރު ކުރާކޮންމެ މީހަކަށްމެ ހިތަށް ފިނިކަން ގެނުވާ ތަނަކަށްވެފައި އަދި ކޮންމެ ދިވެހި ރައްޔިތެއް އެކަމަކަށް ފަހުރުވެރިވާ ތަނެއްކަން ކަށަވަރެވެ. މިގޮތަށް މިކަން އޮއްވާ ދާދިފަހުން ސިނަމާލެ ބުރިޖުގެ ހައިވޭގެ ސީވިޔު ގެއްލޭގޮތަށް ސޯލަރ ޕެނަލް ބެހެއްޓުމަށް އެތަކެއް މިލިޔަން ރުފިޔާގެ ބޮޑުބިޔަ މަސްރޫއެއް ޕްރައިވެޓް އިންވެސްޓުމަންޓް އުސޫލުން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެން.ސިސް އަށް ބިޑުގެ އުސޫލުން ހަވާލުކޮށްގެން ކުރިޔަށް ގެންދާކަމީ ބުރިޖުންދަތުރުކުރާ ކޮންމެ މީހަކަށް ހިތަށް ނުތަނަވަސް ކަމެއް އަންނަ ކަމެއްކަން ކަށަވަރެވެ. އަދި ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ދަތުރު ކުރާކޮންމެ ފަރާތަކަށްވެސް އެތަނުގެ ހުޅުވިފައިވާ ސަރާސަރު ބިން ބަންދުވާތީ ހިތްނުތަނަސްވެ އެމަސްރޫ އާއި ދޭތެރޭ ސުވާލު އުފެދިގެން ދާނެކަމީ ހަމަ ޔަގީންކަމެކެވެ. ސިނަމާލެ ބުރިޖުގެ ހައިވޭގައި މިހިންގޭ ސޯލަރ ސިސްޓަމް ތަށް ބެހެއްޓުމުގެ މަސްރޫއުއަކީ ކޮންއުސޫލަކުން ހިންގޭ މަސްރޫއެއްތޯ އާއި އެމަސްރޫއުގެ އަސްލު މަގުސަދަކީ ކޮބާކަން ވަރަށް ގިނަ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލަކަން މިވަނީ ވެފައެވެ.
ޕްރޮޖެކްޓުން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއްބާ؟
ސިނަމާލޭ ބުރިޖުގެ ހައިވޭގައި ހަރުކުރަމުންދާ 5 މެގަވޯޓުގެ ސޯލާ ޕެނަލްތަށް ސްޓެލްކޯގެ ގުރިޑް އާއި ގުޅާލުމުން ރައްޔިތުން ނަށް ހިތްހަމަޖެހުމެއް އަންނާނީ އެ ސޯލާޕެނަލް ތަކުގެ ސަބަބުން އެބައިމީހުންގެ ކަރަންޓުބިލުން ރުފިޔާ އެއް އުނިވުމުން ކަމީ ޝައްކެއް ނެތްކަމެކެވެ. ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި މިމަޝްރޫއުން ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް އިނގުމެއް ނާންނާނެކަމަށެވެ. ސަބަބަކަށް ވަނީ މި 5 މެގަވޯޓުގެ ޕެނަލްތައް ސްޓެލްކޯގެ ގުރިޑް އާއި ގުޅާލުމުން ޕަސެންޓޭޖުކޮށް އެވްރެޖް ނިސްބަތުން ބަލާއިރު މާލެސިޓީއަށް ބޭނުންކުރާ ކަރަންޓުގެ މިންވަރުގެ 5 މެގަވޯޓް އަކީ ވަރަށްކުޑަ ޕަސަންޓޭޖެއް ކަމުގައިވާތީއެވެ. ރައްޔިތުމީހާގެ ކަރަންޓު ބިލުން ރުފިޔާއެއްގެ މިންވަރު އުނި ނުވިތާ އެ ނަލަރީތި މަންޒަރު ގެއްލިގެންގޮސް ރައްޔިތުންނަށް ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގެ ހައިބަތު ގެއްލި ހައިވޭއިން ލިބެމުން އައި ހިންހަމަޖެހުމުންވެސް މަހުރޫމުވީއެވެ.
ސިނަމާލެ ބުރިޖްގެ ހައިވޭގައި 5 މެގަވޯޓްގެ ސޯލާ ޕީވީގެ ޕެނަލްތައް ހަރުކުރުމާ ގުޅޭގޮތުން ސްޓެލްކޯއިން މައުލޫމާތު ދެއްވި އެ ކޮންޕެނީގެ އެޑުމިނިސްޓްރޭޓިވް ސުޕަރވައިޒަރ އަޙްމަދު މުޙައްމަދު ވިދާޅުވިގޮތުގައި ހައިވޭގައި އެ ހަރުކުރާ 5 މެގަވޯޓްގެ ސޯލާ ޕީވީގެ ޕެނަލްތަށް ހަރުކޮށް ސްޓެލްކޯގެ ގުރިޑް އާއި ގުޅާލުމުން ގޭބިސީތަކުގެ ބިލްތަކަށް އެއްވެސް މިންވަރަކަށް އެނގުމެއްނުވާނެކަމަށެވެ. މީގެއިތުރުން މިހާރު ހިންގަމުންދާ ޖަނަރޭޓަރުތަކުގެ ލޯޑްވެސް ފާހަގަކުރެވޭ މިންވަރަކަށް މިކަމުގެ ސަބަބުން ލުޔެއް ލިބިގެން ނުދާނެ ކަމަށެވެ. ކަންމިހެން އޮތްއިރު ސްޓެލްކޯއަކީ އަމިއްލައަށް ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކުރަމުންދާ ކުންފުންޏަކަށްވާއިރު މި 5 މެގަވޯޓުގެ ސޯލާ ޕެނަލްތަކަށް ސްޓެލްކޯއިން ތައިލެންޑުގެ ކުންފުންޏަށް އޭގެއަގުވެސް ދައްކަންޖެހެއެވެ.
ސޯލަރ ޕެނަލް އުފައްދާ ބައެއް ގައުމުތަކުން އުފައްދާ ހަކަތައިގެ ބާވަތުން އެއުފެއްދުމުން ޖައްވަށް ދޫކުރާ ކާބަން ނުވަތަ އެމިސަން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ތިމާވެއްޓަށް ކުރާނެ ފައިދާއަށް ބަލާއިރު ސޯލަރ ޕެނަލްއަކީ އެހާފެހި ހަކަތައެއް ކަމަކަށް އެއްބަހެއް ނުވެވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކުލައިމެޓް ޗޭންޖް އެންޑު ޓެކްނޯލޮޖީ އިން ލިބުނު މައުލޫމާތު.
މިމަސްރޫއުއަކީ ވޯލްޑުބޭންކުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކުލައިމެޓް ޗޭންޖް އެންޑު ޓެކްނޯލޮޖީއިން ޕްރައިވެޓް އިންވެސްޓުމަންޓް އުސޫލުން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެން ސިސް އަށް ބިޑުގެ އުސޫލުން ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސްރޫއެއް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކުލައިމެޓް ޗޭންޖް އެންޑު ޓެކްނޯލޮޖީއިން މައުލޫމާތު ހިއްސާކުރިއެވެ. އަދި މީގެ އިތުރުން މިނިސްޓްރީއިން އަންދާޒާކުރާ ގޮތުގައި 5 މެގަވޯޓްގެ ސޯލާ ޕީވީ ޕެނަލް ހަރުކޮށް ސްޓެލްކޯގެ ގުރިޑް އާއި ގުޅާލުމުން އަހަރަކަށް 7.3 މިލިޔަން ޔުނިޓްގެ ކަރަންޓު އުފެއްދުމަށްޓަކައި ދާހަރަދުން 15 މިލިޔަން ރުފިޔާ އާއި 20 މިލިޔަން ރުފިޔާއާ ދެމެދުގެ މަންފާއެއް ލިބޭނެ ކަމަށްވެސް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. މިމަސްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިފައިވާ ކަމުގައި މި މިނިސްޓްރީއިން މައުލޫމާތު ހިއްސާކުރިއެވެ.
މީގެ އިތުރުން 5 މެގަވޯޓުގެ ސޯލަރ ޕެނަލްތަށް ސިނަމާލޭ ބުރިޖުގެ ހައިވޭގައި ހަރުކުރުމަށް ނިންމެވީކޮން އުސޫލަކުންތޯ އާއި ނިންމެވި ތާރީހުގެ މައުލޫމާތު ދިނުމަށް ސުވާލުކުރުމުން ދެންނެވީ ތިޔަ މައުލޫމާތު ބަލާލުމަށްފަހު ފަހުން ތަފްސީލް އަރުވާނެކަމުގައެވެ. ނަމަވެސް ފަހުން ފޯންއަކަށް ޖަވާބެއް ނުދެއްވައެވެ. އެހެންކަމުން މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އީ ޕީ އޭ އިން މައުލޫމާތު ލިބުނު ގޮތުގައި ސިނަމާލެ ބުރިޖްގެ ހައިވޭގައި 5 މެގަވޯޓް ގެ ސޯލާ ޕީވީގެ ޕެނަލްތައް ހަރުކުރުމަށް އީ ޕީ އޭ އިން ނަގަންޖެހޭ ހުރިހާ ހުއްދަތައް އެންވަޔަރުމެންޓު މިނިސްޓުރީއިން ވަނީ ނަގާފައެވެ.
މިނިސްޓްރީ އޮފް ނޭސަނަލް ޕްލޭނިންގ ހައުސިންގ އެނޑް އިންފުރާސްޓްރަކްޗަރ އިން ލިބުނު މައުލޫމާތު
އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ލޭންޑް ޔޫސް ޕުލޭނެއް ހެދި އެއަށް އަމަލު ކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑު އިންފުރާސްޓްރަކްޗަރއިން ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ސިނަމާލޭ ބުރިޖުގެ ހައިވޭގައި ސޯލަރ ޕެނަލް ބެހެއްޓުމުގައި އެ މިނިސްޓްރީއިން އެއްވެސް ހުއްދައެއް ނުހޯދާކަމަށް އެ މިނިސްޓްރީ އިން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތުދެއްވި ފަރާތުން ބުނެފައިވެއެވެ.
އަލިފް ނޫހުގެ ނަޒަރުގައި
ފަހަކަށް އައިސް ސަރުކާރުން ހިނގާ މިބާވަތުގެ ޕުރޮޖެކްޓުތަކުން ރައްޔިތުންނަށް ލިބެންވާ ފައިދާއަށްވުރެ ލިބޭ ބައެއް ގެއްލުންތައް ހުރުމަކީ ވަރަށް ހިތާމަ ހުރިކަމެކެވެ. މިނޫން ގޮތަކަށްވެސް ޕުލޭންކުރެވި ބުރިޖުގެ ހައިވޭގެ ސީވިޔު ނުގެއްލޭހެން މިކަން ކުރެވުނީސްކަން ކަށަވަރުއެވެ. ސަރުކާރު ވުޒާރާތަކުން ރައްޔިތުންނަށް އެންމެ ލާބަހުރިގޮތެއް ވިސްނައިގެން (ވަގުތުދިޔަ ކަމުގައިވިޔަސް) ރަގަޅަށް ޕުލޭންކުރެވިގެން ކަންކުރާނަމަ މިކަހަލަ ދޯހަޅި ކަންކަން ވެގެން ނުދާނެއެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ނޭދެވޭ އަސަރެއް ފާހަގަވުމުން އަދި ނެޗްރަލް ވިޔު ގެންލިގެން ދާހިނދު ބައެއް ޔޫރަޕްގެ ގައުމުތަކުގައިވެސް މިކަހަލަ އެތައް ކަމެއް ހުއްޓުވާލާފައި އެބަހުއްޓެވެ. ސަބަބަކަށް ވަނީ ރައްޔަތުންނަށް ލިބޭނިކަމެތިކަމެވެ. ދާއިމީގޮތެއްގައި އެތަނެއްގެ ހިންހަމަޖެހުމާ އުފާވެރިކަން ލިބުމަކީވެސް ރަށްޔަތުންގެ ފަންޑަމެންޓަލް ހިޔުމަން ހައްގެކެވެ.
ރައްޔަތުންނަށް ގެއްލިގެންދާ ސީވިޔުގެ އިތުރުން މިޕުރޮޖެކްޓް މިހިންގަނީ އިންވެސްޓުމަންޓު އުސޫލުން ކުންފުންޏަކާ ހަވާލު ކޮށްގެންނެއެވެ. މިގޮތަށް މިކަހަލަ ބިޔަ ސޯލަރ ޕްރެޖެއްޓްތަށް ހިންގުމަކީ ސަރުކާރަށާއި ސްޓެލްކޯއަށް އެންމެ ރަގަޅުގޮތް ނޫންކަމުގައި މިކަމުގައި ވިސްނާބަޔަކަށް ކަށަވަރުވެގެންދާނެއެވެ. މީގެ ކުރިންވެސް ބައެއް ސޯލަރ ޕްރޮޖެއްޓުތަށް ރާއްޖޭގައި ހިންގާފައި ހުރީ، އެކަމުން ގެއްލުމެއް ނުވާ ގޮތަށެއެވެ. އެގޮތުން 2013 ހިސާބުގައި ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މާލޭސިޓީ ސަރަހައްދުގެ އެކި ސުކޫލްތަކުގަ އާއި ވެލާނާބިލްޑިންގ ފަދަބިލްޑިންތަކުގެެ ފުރާޅުތަކުގައި 700 ވަރަކަށް ކިލޯވޯޓުގެ ސޯލަރ ޕެނަލް ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ. މިއީ ހިލޭ އެހީއެއްގޮތުގައި ޖަޕާނު ސަރުކާރުން ދީފައިވާ ޕެނަލް ތަކަކަށްވާތީ އެތަންތަނަށް އޭގެ ފައިދާވުމާއެކު ސްޓެލްކޯއަށް އެ ސޯލަރ ޕެނަލްތަކުން އުފައްދާ 700 ކިލޯ ވޯޓް އަކަށް ފައިސާ ދައްކާކަށްވެސް ނުޖެހެއެވެ. ސަބަބަކަށް ވަނީ ޖަޕާނުސަރުކާރުން ހިލޭ އެހީގެ ދަށުން ބެހެއްޓި ސޯލާ ޕެނަލްތަކަށް އެޕެނަލްތަށް ވާތީއެވެ. މިދެންނެވި ސޯލަރ ޕެނަލްތަށް ވެސް މިހާރު އެންމެ ރަގަޅަށް ބެލެހެއްޓިފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިދެންނެވި ޕްރޮޖެކްޓާ ޚިލާފަށް ސިނަމާލޭ ބުރިޖުގެ ހައިވޭގައި މިހާރު ހަރު ކުރަމުންދާ ސޯލަރ ޕެނަލްތަކަށް 15 އަހަރު ވަންދެން، ސްޓެލްކޯއިން ބޭނުންކުރިޔަސް ނުކުރިޔަސް ތައިލެންޑުގެ އެން ސިސް ކުންފުނިން ސުޓެލްކޯއަށް ބިލްކުރަމުންދާނެއެވެ. މިގޮތަށް ބިލްކުރެވޭއިރު ލަފާކުރެވޭގޮތުގައި މިހާރުގެ ޑޮލަރުގެ ރޭޓުން ބަލާއިރު އަހަރަކު 13 މިލިޔަނާ 25 މިލިޔަނާ ދެމެދުގެ އަދެއްގެ ރުފިޔާ ސްޓެލްކޯއިން ތައިލެންޑުގެ ކުންފުންޏަށް ދައްކަންޖެހެއެވެ. އަދި މިޕުރޮޖެކްޓުގައި ބޭރު ކުންފުންޏަށް ފައިސާ ދައްކަންޖެހެނީ ޑޮލަރުންނެވެ.
މި ދެންނެވި 5 މެގަވޯޓު ސްޓެލްކޯގެ ގުރިޑަށް ވަނުމަކުން އިންޖީނުތަކުން ބޭނުންކުރާ ޑީސަލްގެ ޚަރަދަށް އިގުންވާވަރަށްމަދުވެގެންވެސްނުދާނެއެވެ. މީގެއިތުރުން 5 މެގަވޯޓުގެ ސޯލަރ ޕެނަލްތަށް ހަރުކުރެވިގެން މިދަނީ ހައިވޭގެ އަައްސޭރިފަށުގައި ކަމަށް ވާއިރު 15 އަހަރު ހަމަވާއިރު ލޮނުގެ އަސަރުކޮށްގެން އެޕެނަލްތަށް ހަލާކުނުވެ ހުރުމަކީ ވަރަށްނާދިރު ކަމެކެވެ. މިގޮތަށް މިކަން ހިނގާނަމަ މުސްތަގުބަލުގައި ވިއްސަކަށް ހާސް ސޯލަރ ޕެނަލް އާއި އޭގެ ދަނގަޑު ފުރޭމްތަށް ނައްތާލުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެކަން ޔަގީނެވެ. އެހެން ނޫންނަމަ ތިމާވެއްޓަށް އޭގެއަސަރުކުރާވަރު ބޮޑުވެގެން ދާނެކަން ކަށަވަރެވެ.
އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނާ ގުޅުން ހުންނަ މިކަހަލަ ހައްސާސް ބިޔަޕްރޮޖެކްޓުތަކަށް ނެޝެނަލް ޕުލޭނެއް ހެދިގެން ރައްޔިތުންގެ މަޖުލިހުން ހުއްދަދެވިގެން މެނުވީ ކުރެވިގެން ނުވާނެއެވެ. އެއިރެއްގެ މިނިސްޓަރަކު ބޭނުންވީމަ ބޭނުން ވާހާ ގޮތަކަށް ރައްޔަތުންގެ ބަހެއް ނެތި ގައުމުގެ މި ބާވަތުގެ ހައްސާސް ކަންކަން ނިންމުމުގައި މިނިސްޓަރުންނަށް ބާރު ދެއްވުމަކީ އަންނަން އޮތް ޖީލްއަށް އެކަމުގެ ގެއްލުންތަކުން ސަބަބުން އަރައި ނުގަނެވޭނެ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ. ހަމަ ޔަގީނުންވެސް ސިނަމާލެ ބުރިޖުގެ ހައިވޭގައި މިހާރު މިކުރިޔަށް ގެންދާ ސޯލަރ ޕްރޮޖެކްޓް އާމެދު ވިސްނާ ހޯދާބެލި ބެލުމުން އެނގިގެން މިދަނީ ރައްޔިތުންނަށް ވާނެ ފައިދާއަށްވުރެ މުޅި ގައުމަށް ލިބިފައިވާ ތަރައްގީގެ ކުލަ ބަދަލުވެގެންގޮސް އޭގެ ގެއްލުން 15 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ވެސް ކޮށްފާނެ ކަމެވެ. އަދި އެ ސަރުކާރަކުން ބޭނުންވީމާ އެއީ ރައްޔަތުންނަށާ މުޅިގައުމަށް ކިތަންމެ ގެއްލުމެއް ފޯރާކަމެއް ކަމުގައި ވީނަމަވެސް އެކަމެއް އެބޭނުވި ގޮތަކަށް ކުރެވިދާނެއެވެ.